ފެބްރުއަރީ މަހު މީރާއިން 2.8 ބިލިއަން ރުފިޔާ ބަލައިގަނެފި
އަވަސް
8 މާރިޗު 2026 | އާދިއްތަ | 6:50
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 126.8 މިލިއަން ޑޮލަރު ހިމެނެ އެވެ. މީރާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.8 ޕަސެންޓް ދަށް އަދި މި އަހަރުގެ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 11.6 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވުމެވެ. މީގެ އިތުރުން ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާޗް މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކުރުމުން ފެބްރުއަރީ މަހުގެ އާމްދަނީ ދަށްވި ކަމަށް މީރާއިން ބުނެފައިވެ އެވެ. އަންދާޒާކުރި ވަރަށްވުރެ ފެބްރުއަރީ މަހު އާމްދަނީ ދަށްވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި މީރާއިން ފާހަގަކުރީ ޖީއެސްޓީ އާއި އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމެވެ. މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 52.3 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އާމްދަނީ އިން ނަގާ ޓެކުހުން 599 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 21.4 ޕަސެންޓެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ ލިބުނެވެ.