ނުފުރުނު 164 އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި މިރޭ ފުރަނީ

އަވަސް

8 މާރިޗު 2026 | އާދިއްތަ | 7:07

އެކި ސަބަބުތައް ދިމާވެ އުމްރާއަށް ނުފުރުނު 164 އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި މިރޭ އުމްރާއަށް ފުރަން ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. "މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފަ. މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ،" ޝަހީމް ވިދާޅުވި އެވެ. އެ އުމްރާވެރިންނަށް މީގެ ކުރިން ނުފުރުނު ސަބަބެއް މިނިސްޓަރު ޝަހީމް ވިދާޅެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނިން މިމަހުގެ ތިންވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ރަމަޟާން އުމްރާ ކުރުމަށް ހަމަޖައްސާފައިވާ އުމްރާ ދަތުރަށް ސައޫދީ އަރަބިއްޔާއަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެ ދަތުރު ކެންސަލް ކޮށްފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބުނެވެ. އެ މައްސަލައިގައި މިނިސްޓްރީން ސާފުކުރި މައުލޫމާތުތަކަށް ބަލާއިރު އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުނިން އެ އުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ އެ ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން ކުންފުންޏަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް