"ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް"

އަވަސް

9 މާރިޗު 2026 | ހޯމަ | 11:18

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހުގައިކަން ހިނގާފައިވާ ގޮތަށް ބަލާއިރު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާ ކަމަށާއި 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. މިހާރު އޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާފަރާތަށް މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް އެކަމުގައި ހޭދަކުރަންޖެހޭކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސްއަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ. "އެހެން ކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެން،" ގާސިމް ވިދާޅުވި އެވެ. މަޖިލީހުން ގެނައި މި އިސްލާހު ތަސްދީގު ކުރައްވާނީ ރައްޔިތުން އާނބަސް ބުނުމުން ކަމަށްވާތީ އެޕްރީލް މަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވަށް ފެންނަ ކަމަށް ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިސާ ކުރާނީ ރައްޔިތުންނަށް ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ފައިސާ ރައްޔިތުންނަށް އެހެން ބޭނުންތަކަށް ބޭނުން ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް