އެމްޑީޕީން މާލެ ސިޓީގެ މެނިފެސްޓޯ ނެރެފި

އަވަސް

9 މާރިޗު 2026 | ހޯމަ | 11:40

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބޭނުންކުރާނެ މާލެ ސިޓީގެ މެނިފެސްޓޯ ލޯންޗްކޮށްފި އެވެ.

"އަމާނާތްތެރި ހިދުމަތް، މާލޭ ސިޓީގެ ވިންދު" ގެ ނަމުގައި މި މެނިފެސްޓޯ ނެރުނީ އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ތިން ދާއިރާއަކީ ވިޔަފާރިއަށް ފަހި، ފަހި ދިރިއުޅުން އަދި ރައްޔިތުންނަށް ބާރު އެވެ. މެނިފެސްޓޯގައި އެމްޑީޕީން ބުނީ ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު މާލޭގެ އިހުތިސާސްގައި ހިމަނައި އެ ސަރަހައްދުތަކުން ގޯތި އަވަހަށް ހަވާލުކުރުމަށް ވަސީލަތްތައް ގާއިމުކުރުމަކީ އަމާޒެއް ކަމަށެވެ. މެނިފެސްޓޯގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި މަލްޓިޕާޕަސް ޕާކިން ބިލްޑިންގްތަކާއި "ގޭދޮށު ޕާކިން" ތައާރަފުކުރުން ހިމެނެ އެވެ.

ވިޔަފާރިއަށް ފަހި ސިޔާސަތުގެ ދަށުން މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އެސްއެމްއީ ހަބް ތައާރަފުކުރުމާއި މާލެ ސިޓީ ބިޒްނަސް އެކްސްޕޯ ބޭއްވުމާއި ވެންޑަ ސްޓޯލް ނުވަތަ ކިއޮސްކްތައް ތައާރަފުކުރުން ހިމެނެ އެވެ. މީގެ އިތުރުން މަސް މާރުކޭޓާއި ވަޅޯމަސް މަރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި މާރުކޭޓުގައި ހުރި ތަކެތީގެ އަގު ޑިޖިޓަލްކޮށް ފެންނާނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މައުޟޫޢުތަށް