އެޗްޑީސީން މި ރޯދަމަހު ބާއްވާ ދެވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު
އަވަސް
9 މާރިޗު 2026 | ހޯމަ | 2:29
އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން ހުޅުމާލޭ ފޭސް 1ގައި މިއަދު ހަވީރު "އަވައްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 6:00 ގައި، ހުޅުމާލޭ ފޭސް 1 ގެ ރަނައުރާ މަގު -- ހުރަވީ ސްކޫލު ކުރިމަތީގަ އެވެ. މިއީ މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ދެވަނަ ރޯދަ ވީއްލުމެވެ. އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން މިދިޔަ ހަފުތާގައި ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެގޮތުން އެޗްޑީސީ އާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފަ އެވެ. އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.