އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރާނީ މިސަރުކާރުން

އަވަސް

9 މާރިޗު 2026 | ހޯމަ | 6:00

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސެންޓްރަލް ޕަވަ ސްޓޭޝަން (ސީޕީއެސް) ގާއިމުކުރުމަށް މިމަހުގެ ހަތްވަނަ ދުވަހު ވަނީ ދުބާއީގައި ރަޖިސްޓަރީކޮށްފައިވާ ޑެފިނިޓް ސޮލިއުޝަންސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މިއެއްބަސްވުމުގެ ދަށުން ސިޕީއެސް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއްގެ އިތުރުން އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކޮށްދޭނެ އެވެ. އައްޑޫގައި ސެންޓްރަލް ޕަވާ ސްޓޭޝަން ގާއިމުކުރުމަށް މީގެކުރިން ހަވާލުކުރީ ޗައިނާގެ ޑޮންފަން ކުންފުންޏަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާތީ އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. ފެނަކައިން ބުނީ ސީޕީއެސް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމުމުން އައްޑޫގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެ ކަމަށެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައިގައި މިނިސްޓަރު އިހްސާން ވާހަކަދައްކަވާފައި މިވަނީ ޑެފިނިޓް ސޮލިއުޝަންސްއަށް މަސައްކަތް ހަވާލުކުރިއިރު އެ ކުންފުނީގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށް ވިދާޅުވެ އައްޑޫ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ފާޑުވިދާޅުވުމުންނެވެ. މޭޔަރަށް ރައްދުދެއްވަމުން އައްޑޫއަށް ނިސްބަތްވާ މިނިސްޓަރު އިހްސާން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އަދި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.

މައުޟޫޢުތަށް