ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި

އަވަސް

10 މާރިޗު 2026 | އަންގާރަ | 10:58

ދިވެހި ވަތަނީ ހިދުމަތުން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފުރިހަމަ ސިއްހަތެއްގައި ހުރި ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިކުރެވޭނީ، މި ހިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްނަމަ އެވެ. ތިން މަސް ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ ފަހު ހަފުތާގަ އެވެ. މި ތަމްރީންތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގަ އެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިން އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ހިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ. ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް 5 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް