މުދަލު ޒަކާތުގެ ގޮތުގައި 17.9 މިލިއަން ރުފިޔާ ލިބިއްޖެ

އަވަސް

10 މާރިޗު 2026 | އަންގާރަ | 11:09

މުދަލު ޒަކާތުގެ ގޮތުގައި ފެބްރުއަރީގެ ނިޔަލަށް 17.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 6.05 މިލިއަން ރުފިޔާ އަދި ފެބްރުއަރީ މަހު 11.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފަ އެވެ. ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 11.2 މިލިއަން ރުފިޔާ އެވެ. ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެ އެވެ. މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ ޑިސެމްބަރު 21، 2025 ގަ އެވެ. އެ ގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

މައުޟޫޢުތަށް