ޓްރެވަލް އެޖެންސީތަކުގެ ގަވާއިދުގެ ޑްރާފްޓާމެދު މަޝްވަރާކުރަން މަޓާޓޯއިން އެދިއްޖެ

އަވަސް

10 މާރިޗު 2026 | އަންގާރަ | 11:00

ޓްރެވަލް އެޖެންސީތަކާބެހޭ ގަވާއިދުގެ ޑްރާފްޓާމެދު އިތުރަށް މަޝްވަރާކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެދިއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމަށް ސަރުކާރުން އެކުލަވާލި ޓްރެވަލް އެޖެންސީއާ ބެހޭ ގަވާއިދުގެ ޑްރާފްޓް މުތާލިއާކޮށް ހިޔާލުފާޅުކޮށްފަ އެވެ. މި ދާއިރާ ރެގިއުލޭޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފާހަގަކޮށް މަޓާޓޯ އިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕްރޮފެޝަނަލިޒަމް އާއި ޓްރާންސްޕޭރެންސީ އަދި ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް މި ޑްރާފްޓާ ގުޅޭގޮތުން މެންބަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިއާޔަތްކޮށް، މި ގަވާއިދު ފައިނަލް ކުރުމުގެ ކުރިން ދާއިރާގެ ހިއްސާދާރުންނާއެކު އިތުރު މަޝްވަރާތައް ބޭއްވުން މުހިންމު ކަމަށް ދެކޭ ކަމަށް މަޓާޓޯއިން ބުނެފައިވެ އެވެ. މަޓާޓޯ އިން ބުނީ މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ހިމެނޭ ބައެއް މާއްދާތައް އިތުރަށް ސާފުކުރަން ބޭނުންވާ ކަމަށް ޓްރެވަލް އެޖެންޓުން ފާހަގަކޮށްފައިވާ ކަމަށާއި މީގެ އިތުރުން އިދާރީ ގޮތުން ކުރިމަތިވެދާނެ ބުރަތަކާ މެދު މެންބަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެތީ، އެކަންކަން ވަރަށް ބޮޑަށް މުރާޖައާ ކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް މަޓާޓޯ އިން ބުންޏެވެ. ހަމައެއާއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް މިވަގުތު ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކަށް ބަލާއިރު، މިފަދަ އާ ގަވާއިދުތަކެއް ތައާރަފުކުރުމުގައި ވަގުތާއި ހާލަތަށް ބެލުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. އެހެންކަމުން، މި ގަވާއިދު ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކޮށް ދާއިރާގެ ހިއްސާދާރުންނާއެކު އިންތިޒާމުވެގެން ބޭއްވޭ މަޝްވަރާތަކެއްގެ ތެރެއިން މި ޑްރާފްޓް އިތުރަށް މުރާޖައާ ކުރުމަށް މަޓާޓޯ އިން ވަނީ ލަފާދީފަ އެވެ.

މައުޟޫޢުތަށް