މިމަހުގެ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށުގައި

އަވަސް

11 މާރިޗު 2026 | ބުދަ | 11:18

ރާއްޖެއަށް މިމަހުގެ ފުރަތަމަ ނުވަ ދުވަސް ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 24.9 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ ބައެއް ފްލައިޓްތައް ކެންސަލްވުމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެ އައީ 44،999 ފަތުރުވެރިންނެވެ. ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި 59،924 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ހަނގުރާމައިގެ ސަބަބުން މިއަދުވެސް މެދުއިރުމަތިން އަންނަ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފަ އެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ޖުމްލަ 526،767 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 492،777 ފަތުރުވެރިންނަށްވުރެ 6.9 ޕަސެންޓް އިތުރު އަދަދެކެވެ.

މައުޟޫޢުތަށް