ތިލަފުށި ޕޯޓް ޑިޒައިންކުރަން ބަޔަކު ހޯދަނީ

އަވަސް

11 މާރިޗު 2026 | ބުދަ | 1:00

ތިލަފުށި ޕޯޓުގެ ޓާމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީގެކުރިން ވަނީ މިމަޝްރޫއުގައި ހިމެނޭ ބައެއް މަސައްކަތްތައް ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ "ލޯކަލް ހަބާރާ ރިލީފް ޕްރޮޖެކްޓް"ގެ ދަށުން ހަދަން ޖެހޭ ޑީޓެއިލް ޑިޒައިނިންގެ ތެރެއިން ޕޯޓުގެ މައި ޓާމިނަލާއި ކޮންޓެއިނާ ޔާޑާއި ސްޓޯރޭޖް އޭރިއާ އާއި އިދާރީ އޮފީސް އިމާރާތާއި ކޮންޓްރޯލް ޓަވަރާއި ގޭޓް ކޮމްޕްލެކްސް އާއި ވޯކްޝޮޕް/މެއިންޓަނަންސް ފެސިލިޓީ އަދި ސްޓާފް ސަޕޯޓް ފެސިލިޓީ ހަދަން ޖެހެ އެވެ. ޑީޓެއިލް ޑިޒައިންގެ ތެރެއިން އިމާރާތްތަކުގެ ސްޓްރަކްޗަރަލް ޑިޒައިނިން އާއި އާކިޓެކްޗްރަލް މަސައްކަތްތައް ޑިޒައިން ކުރުމާއި ކޮންޓެއިނަރު ބަހައްޓާ ސަރަހައްދާއި ޕޯޓުގެ މަގުތައް ތަރައްގީކުރުމާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމުގެ ޕްލޭންގެ ޑިޒައިންވެސް ކުރިއަށް ގެންދަންޖެހެ އެވެ. ތިލަފުށި ބަނދަރަކީ މަދުވެގެން 30 އަހަރަށް އެއްވެސް ދަތިތަކެއް ނެތި ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ ބަނދަރެކެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުށީ ޕޯޓް ބޭނުން ކުރަން ފެށޭނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

މައުޟޫޢުތަށް