ހޮރްމޫޒު ކަނޑުއޮޅިން "އެންމެ ތެޔޮ ލީޓަރެއްވެސް" ބޭރު ނުކުރެވޭނެ: އީރާން

އަވަސް

12 މާރިޗު 2026 | ބުރާސްފަތި | 6:12

ހޮރްމޫޒު ކަނޑުއޮޅިން "އެންމެ ތެޔޮ ލީޓަރެއްވެސް" ބޭރު ނުކުރެވޭނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނެފި އެވެ.

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ހަމަލާދޭން ފެށުމުންނެވެ. ރިވޮލިއުޝަނަރީ ގާޑުން ބުނީ އެމެރިކާ އާއި އިޒްރޭލާ ގުޅިފައިވާ ކޮންމެ އުޅަނދަކީވެސް އަމާޒުފަތްގަނޑެއް ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށް ކުރެވޭނެ ކަމަށް ހީނުކުރުމަށާއި ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް ހިނގައިދާނެ ކަމަށް ތައްޔާރުވުމަށްވެސް އީރާނުން ވަނީ އިންޒާރުދީފަ އެވެ. އީރާނުން އިތުރަށް ބުނީ ތެލުގެ އަގު ބިނާވަނީ ސަރަހައްދީ ހަމަޖެހުމަށް ކަމަށާއި ހަމަޖެހުން ނަގާލީ އިޒްރޭލާއި އެމެރިކާއިން ކަމަށެވެ. ހޮރުމޫޒު ކަނޑުއޮޅީގައި ބުދަ ދުވަހު ތިން އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ތެރޭގައި ތައިލެންޑްގެ ދިދަ ނަގައިގެން ދަތުރުކުރި އުޅަނދެއްވެސް ހިމެނެ އެވެ. އެ އުޅަނދަށް ހަމަލާ ދިނީ އޮމާނާ 18 ކިލޯމީޓަރު (11 ނޯޓިކަލް މޭލު) ބޭރުގައި ވަނިކޮށެވެ.

މައުޟޫޢުތަށް