މި ރޯދަ މަހުގެ ތިންވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު ބާއްވަނީ

އަވަސް

12 މާރިޗު 2026 | ބުރާސްފަތި | 1:05

އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން ހުޅުމާލޭ ފޭސް 2 ގައި މިއަދު ހަވީރު "އަވައްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މި ރޯދަ ވީއްލުން އޮންނާނީ މިއަދު ހަވީރު 6:00 ގައި ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގަ އެވެ. މިއީ މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ތިންވަނަ ރޯދަ ވީއްލުމެވެ. އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އެއަށްފަހު ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވާފަ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. އެގޮތުން އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފަ އެވެ. އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ ގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

މައުޟޫޢުތަށް