ފްލެޓް ދިނުމުގައި ނުކުޅެދުންތެރިންނަށް ހާއްސަ ކެޓަގަރީއަށް
އަވަސް
12 މާރިޗު 2026 | ބުރާސްފަތި | 1:00
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީއެއް ހިމަނައި، އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭ ގޮތް ހަދައިފި އެވެ.
އާއިލީ ބޯހިޔާވަހިކަން ސްކީމުގެ ދަށުން މާލެ ސަރަހައްދުގައި 7،900 ފުލެޓް އަޅައި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރެއިން 100 ފުލެޓް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. ހައުސިން މިނިސްޓްރީން މިހާރު ވަނީ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ޝަރުތުތަކާއި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތުގެ މައުލޫމާތާއި ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލުވެސް އާންމުކޮށްފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ ސީދާ އެ މީހާއަށެވެ. އެކަމަކު ދިރިއުޅޭ ސަރަހައްދުން އޭނާއަށް ބޭނުންވާ ފަރުވާ ލިބެން ނެތް މީހެއްނަމަ، އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން މާލޭ ސަރަހައްދުގައި އުޅެވެން ނެތިއްޔާވެސް ކެޓަގަރީއަށް ފޯމު ހުށަހެޅޭނެއެވެ. އަދި މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވެފައި، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ފަރުވާ ހޯދާފައިވާނަމަވެސް ކުރިމަތިލެވޭނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މި މަހު 24 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.