ނުފުރުނު 1،800 އަށްވުރެ ގިނަ ފަތުރުވެރިންނަށް އެހީތެރިވި
އަވަސް
12 މާރިޗު 2026 | ބުރާސްފަތި | 6:12
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ނުފުރުނު 1،800 އަށްވުރެ ގިނަ ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވި ހިސާބުން ސަރުކާރުން ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށެވެ އެ ގޮތުން މިހާތަނަށް 1،888 ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިިނިސްޓަރު ތޯރިގު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމައާއެކު އެންމެ އިސްކަމެއް ދިނީ އެއާޕޯޓުގައި ނުފުރި ތިބި ފަތުރުވެރިންނަށް އެހީތެރިވެވޭނެ ގޮތްތައް ބެލުމަށް ކަމަށެވެ. އެ ގޮތުން ފަތުރުވެރިންނަށް ނިދޭނެ ގޮތާއި ކެއިންބުއިމުގެ ކަންކަން ފަސޭހަކޮށްދިން ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ. "(ހަނގުރާމައިގެ) ފުރަތަމަ ގާތްގަނޑަކަށް ތިން ހަތަރު ދުވަހު 100 ވަރަކަށް ފަތުރުވެރިން އެތަނުގައި ނިދާ ނުވަތަ މަޑުކޮށްލައިގެން ތިބި. 150 އަށްވެސް އެރި. އެހެން ނަމަވެސް މިހާރު ގާތްގަނޑަކަށް 12 ފަތުރުވެރިން އެވަރެޖްކޮށް ރޭގަނޑު (އެއާޕޯޓްގައި) ނިދާފައި ތިބެނީ. އަދިވެސް އެތަން ބޭނުންކުރަމުން ދަނީ،" ތޯރިގު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ފުރަން ގޮސް ނުފުރުނު ފަތުވެރިންނަށް ގިނަ ރިސޯޓްތަކުން މާބޮޑު އަގުތަކެއް ނުނަގައި ފަތުރުވެރިންގެ ސްޓޭ އިތުރުކޮށްދިން ކަމަށެވެ.