ކައުންސިލްތަކުގެ ބާރު ކަނޑުވާލާކަށް ބޭނުމެއް ނޫން: ރައީސް
އަވަސް
13 މާރިޗު 2026 | ހުކުރު | 6:00
ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ގޮތުން އެއްވެސް ކަމެއް ކުރައްވަން ބޭނުންނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ޕީއެންސީން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރު ފުށުމުގެ ކުރިން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުކުރައްވާ ނިޒާމެއް ކަމަށްވާތީ ކައުންސިލްތަކުގެ ބޭރު ކަނޑުވާލުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރެވޭނެ ގޮތް ވުމަކީ ރައްޔިތުންނަށް އެކަމުން ހެވާއި ލާބަ ލިބޭނެ ކަންކަން ކަމަށެވެ. އެހެންވެ ކައުންސިލްތަކަށް ބޭފުޅުން ހޮވާއިރު ސަރުކާރަށް އެއްބާރުލުންދޭ ބޭފުޅުން ހޮވުން މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ. "އެހެންވީމަ ރައްޔިތުންގެ ގާތުގައި އަޅުގަނޑު މިއެދެނީ ހުރިހާ ސިޓީތަކާއި ހުރިހާ ކައުންސިލްތަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން އަދި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިތަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް،" ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ހުރީ ކުރައްވާފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވާރުތަވި އިންތިސާދީ ގޮންޖެހުންތަކެއް އަރައިގަނެވިފައިވާތީ ކުރިއަށް ހުރި ދުވަސްތަކުގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ކައުންސިލްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށްވެސް ވިދާޅުވި އެވެ. "އެހެންވީމަ ވަރަށް އިހުލާސްތެރިކަމާއި އެކީގައި ވަރަށް ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރަން ބޭނުންވާތީ އަޅުގަނޑު ރައްޔިތުންގެ ގާތުގައި މިކަމުގައި އެއްބާރުލުން ދެއްވައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް [މިއެދެނީ]،" ރައީސް ވިދާޅުވި އެވެ.