ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި
އަވަސް
15 މާރިޗު 2026 | އާދިއްތަ | 10:16
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މި މާރާމާރީ ހިނގާފައިވަނީ ފެބްރުއަރީ 14، 2023 ވަނަ ދުވަހުގެ ހަވީރު 3:30 ހާއިރު މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ. މި މަރާމާރީގައި މުހައްމަދު ޝަފީގު ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފަ އެވެ. މިގޮތުން ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ފުލުހުން ވަނީ ކޮށްފަ އެވެ. މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފަ އެވެ. މި މައްސަލައިގައި މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް މުޙައްމަދު ޝަފީގުގެ މައްޗަށް ސާބިތުވާކަމަށެވެ. އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ޝަފީގު ހަތް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ ހަތަރު އަހަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މުޙައްމަދު ޝަފީގު އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނެފައިވެ އެވެ. އަދި ދިފާއުގައި ހެކި ހުށަހަޅާފައިވެއެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި ދައުވާއަށް ވަނީ އިއުތިރާފުވެ އެވެ.