ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް
އަވަސް
15 މާރިޗު 2026 | އާދިއްތަ | 10:26
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ. އެމްޑީ ސޮހަބް މިއަގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލާފައިވަނީ ޖޫން 28، 2024 ވަނަ ދުވަހު ޔޫއެސް ބަންގްލާ އެއާލައިންސްގެ ބީއެސް337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ މައްސަލައިގަ އެވެ. އޭނާގެ އަތުން ފެނުނު ތަކެތި ތަހުލީލު ކުރިއިރު 535.6632 ގްރާމްގެ މެތައެމްފަޓަމިންއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގައި ހެކި އެއްކުރުމާއި، ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ އެންމެހައި ހެކިތައް ވަނީ ހުށަހަޅާފަ އެވެ. ފުލުހުންގެ ތަހުގީގަށް ބިނާކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގަ އެވެ. މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އެއާއެކު މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.