މި ރޯދަ މަހުގެ ފަހު "އަވައްޓެރި ރޯދަ ވީއްލުން" މިއަދު

އަވަސް

15 މާރިޗު 2026 | އާދިއްތަ | 11:20

ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ "އަވަށްޓެރި ރޯދަވީއްލުން" ސިލްސިލާގެ ފަހު ރޯދަވީއްލުން މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ރޯދަ ވީއްލުން އޮންނާނީ މިއަދު ހަވީރު 6:00ގައި މުހައްމަދު ގާސިމް ޕްރީ ސްކޫލު ކުރިމަތީގަ އެވެ. މި ރޯދަ ވީއްލުމުގައި ބައިވެރިވުމުގެ ދައުވަތު އެޗްޑީސީން ވަނީ އަރުވާފަ އެވެ. އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެންނެވެ. އެއަށްފަހު ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވާފަ އެވެ. ތިންވަނަ ރޯދަ ވީއްލުން ބޭއްވީ ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގަ އެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. އެގޮތުން އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފަ އެވެ. އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ ގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

މައުޟޫޢުތަށް