ވޯޓާސް ލިސްޓުގައި ސޮއިކުރުން އަންގާރަ ދުވަހު

އަވަސް

15 މާރިޗު 2026 | އާދިއްތަ | 12:30

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. ފައިނަލް ލިސްޓުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒުގަ އެވެ. ފައިނަލް ލިސްޓުގައި ސޮއިކުރުން އޮންނާނީ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށެވެ. ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އީސީ އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް