ނޯތު ހާބަރުން ނަގާ ފީ ބޮޑުކުރާކަށް ނޫޅެން: އެމްޕީއެލް
އަވަސް
15 މާރިޗު 2026 | އާދިއްތަ | 6:57
މާލޭ ނޯތު ހާބަރުން މިހާރު ނަގާ ފީތައް ބޮޑުކުރަން ނޫޅޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް އެމްޕީއެލް އާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ނުކުރާ ކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތައް ކަމަށްވެސް އެމްޕީއެލުން ބުންޏެވެ. އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް "އޭ ޒޯން" ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށާއި އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެމްޕީއެލުން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް އިއްޔެއިން ފެށިގެން ގެނައި ބަދަލުތަކުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ. މީގެ އިތުރުން މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލެ ނޯތު ހާބަރުގެ "ޑީ ޒޯން" އާއި "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާކަން އެމްޕީއެލުން ވަނީ ފާހަގަކޮށްފަ އެވެ.