ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު ސައްހައެއް ނޫން: ސުއޫދު
އަވަސް
16 މާރިޗު 2026 | ހޯމަ | 4:52
ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު ސައްހައެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވަނީ ގާނޫނުއަސާސީގެ ބައެއް ހާއްސަ ކަންކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ބަދަލު ގެނައުމަށް ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތު ލިބިއްޖެނަމަކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (2) ގައި ރައްޔިތުންގެ މަޖިލީހެއްގެ އުމުރަށް އެއްވެސް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނީ އެ ބަދަލެއް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި އެގޮތަށް ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތު ލިބިއްޖެނަމަކަން ސުއޫދު ފާހަގަކުރެއްވި އެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކޮށް އެހެން ގިނަ ކަންކަން ބަޔާންކޮށް ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަދި މި ބިލު ތަސްދީގުކުރުމުގެ ކުރިން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ވަނީ ނެރުއްވާފަ އެވެ. ސުއޫދު ވިދާޅުވީ އެ ގަރާރުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރުމަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރެފަރެންޑަމްގައި ރައްޔިތުންނާ ސުވާލު ނުކުރާ ކަމަށެވެ. "މި ރިފަރެންޑަމްގައި ރައްޔިތުންނާ ކުރާނެ ސުވާލެއް ކަމަށް ގަރާރުގައި ލިޔެފައިވަނީ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިހެންނެވެ،" ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވި ގޮތުގައި މިއީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ކުރަންޖެހޭ ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ކުރަންޖެހޭނެ ސުވާލަކީ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު"ގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރުމަށް ހިމަނާފައި ވާތީވެ، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުކުރުކުރަން ފެނޭ ހެއްޔެވެ؟" މިގޮތަށް ކަމަށް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ބިލު އޮތްގޮތަށް ތަސްދީގުކުރުމާމެދު ފެންނަ ގޮތަކީ ކޮބައިތޯ ބެލުމާއި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ބަދަލުކުރަން ރައްޔިތުން ރުހޭތޯ ބެލުމާ އެއީ މުޅިން ވަކި ދެ ކަމެއް ކަމަށެވެ. "މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫނެވެ،" ސުއޫދު ވިދާޅުވި އެވެ. ސަބަބެއް ކަމުގައި ސުއޫދު ވިދާޅުވީ އެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުން ކުރެން އަހަން ނުޖެހޭ އެތައް ކަމެއް ހިމެނިފައިވާއިރު ރައްޔިތުން ކުރެން އަހަން ނުޖެހޭ ކަންތައްތަކެއް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރެފަރެންޑަމެއްގައި ނޭހޭނެތީ އެވެ. ސުއޫދު ވިދާޅުވީ އެ ސުވާލު ލިޔެފައިވަނީ ރައްޔިތުންކުރެން އަހަނީ ކޮން ސުވާލެއްކަން ނޭނގޭ ގޮތަށް ކަމަށާއި އެހެންކަމުން ގާނޫނުއަސާސީ ލާޒިމުކުރާ ގޮތަށް ނޫންގޮތަކަށް ސުވާލުކޮށްގެން ނެގޭ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ނުފެންނަ ކަމަށެވެ. "ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގުކުރަން ފެނޭތޯ ރައްޔިތުންކުރެން އަހަން ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރެފައިވާއިރު، އެ ބިލުގެ 4 ވަނަ މާއްދާގައި ގާނޫނަކަށް ހަވާލާދީފައި އިބާރާތްކޮށްފައިވާ ބަޔަކީ ގާނޫނުއަސާސީގެ ބަޔަކަށް ހެދޭގޮތަށް ލިޔެފައިވާ މާއްދާއެއްވެސް ނޫނެވެ. މި ބިލުގެ އެއްބައި އޮންނާނީ ގާނޫނުއަސާސީގެ ބަޔަކަށްވެފައި، އަނެއްބައި ގާނޫނެއްގެ ގޮތުގައި ހެއްޔެވެ؟" ސުއޫދު ސުވާލު އުފެއްދެވި އެވެ. ސުއޫދު އިތުރަށް ވިދާޅުވީ މި ބިލުގެ 4 ވަނަ މާއްދާ ގާނޫނުއަސާސީގެ ބަޔަކަށް ނުވާނަމަ، ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ މުއްދަތު ހަމަވަނީ ކޮން އަހަރެއްގެ ޑިސެމްބަރު މަހެއްގެ 1 ވަނަ ދުވަހެއްގައި ކަން ގާނޫނުއަސާސީގައި ބަޔާންވެފައި ނޯންނަ ކަމަށާއި ނަތީޖާއަކަށް ވާނީ މިހާރު ގާނޫނުއަސާސީގައި އޮތް ރައްޔިތުންގެ މަޖިލިސް 2029 ވަނަ އަހަރުގެ މޭ މަހުގެ ނިޔަކަށް ދެމިގެން ދިއުން ކަމަށެވެ.