ޓެކްސީ އަގުތަކަށް ބަދަލު ގެންނަން ގޮވާލައިފި
އަވަސް
17 މާރިޗު 2026 | އަންގާރަ | 9:15
ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އުފުލެމުންދާއިރު ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި މި ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއިފަސޭހަކޮށް ދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ވޭތުވެދިޔަ ދިގު މާޒީގައި އަޅާފައި ނުވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. "ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ކަމަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަން،" ޑްރައިވާސް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ. ޑްރައިވާސް އެސޯސިއޭޝަނުން ބުނީ ތެލާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖައާކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ޑްރައިވާސް އެސޯސިއޭޝަނުން ބުނީ މިކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެ ޖަމިއްޔާއިން ރަސްމީކޮށް އެދިފައިވާ ކަމަށެވެ.