އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އަވަސް

17 މާރިޗު 2026 | އަންގާރަ | 1:35

ސަރުކާރުން އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވާއިރު މިއީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ކަނޑުވާލާނެ ބަދަލެއް ކަމަށް އެމްޑީޕީން ބުންޏެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގެނައީ އަވަސް އަރުވާލައިގެން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެ ގޮތުން އިސްލާހުގެ ކޮމިޓީ މަރުހަލާ އެންމެ ފަސް މިނެޓް ތެރޭގައި ނިންމާލައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ދީފައިވަނީ ދެ ގަޑިއިރުކަން އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ. މި ބޮޑު ބަދަލާ ގުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓު އެޕްރީލް 4 ވަނަ ދުވަހު ނަގާއިރު އެމްޑީޕީން ބުނީ މި ބަދަލު ގެނައުމަށް ސަރުކާރުން ދައްކާ ބަހަނާއަކީ ހަރަދު ކުޑަކުރުމާއި އިންތިހާބުތަކުގެ ސަބަބުން މުޖުތަމައު ބައިބައިވާތީ "އިޖުތިމާޢީ ބަދަހިކަން" ގާއިމުކުރުން ކަމަށެވެ. ސަރުކާރުން ދައްކާ ވާހަކަތަކަކީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެއް ދުވަހެއްގައި ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަކީ މާބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެމްޑީޕީން ބުނީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުންތަކުގައި ގާނޫނުން ލާޒިމުކުރާ މިންވަރަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ނުކުރެވޭކަން ހާމަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާ --ޕީއެސްއެމް އިން މިކަމުގައި ސަރުކާރުގެ ކެމްޕޭނަށް ފުރުސަތު ދޭއިރު އިސްލާހާ ދެކޮޅަށް ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

މައުޟޫޢުތަށް