ގޮވާމުން ފިތުރު ޒަކާތް ބަހަން ފަށައިފި
އަވަސް
17 މާރިޗު 2026 | އަންގާރަ | 1:55
ގޮވާމުން ލިބުނު ފިތުރު ޒަކާތް ބަހަން ފަށައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބެހުން ކުރިއަށްދާނީ މިއަދާއި މާދަމާ ކަމަށެވެ. އެ ގޮތުން ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 1:00 އިން ހަވީރު 3:00 އަށް ގޮވާމުން ފިތުރު ޒަކާތް ބެހުން ކުރިއަށްދާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ. ގޮވާމުން ފިތުރު ޒަކާތް ބެހުން ކުރިއަށްދާނީ މާލޭގައި ހުންނަ ސެންޓަ ފޮ ހަޔާ ސެކަންޑަރީ އެކިޔުކޭޝަންގަ އެވެ. ނަގުދު ފައިސާ އާއި ކޭޝް ކާޑު އަދި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު އަދިވެސް ވަނީ ހުޅުވާލާފަ އެވެ. މާލޭގައި ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުންނެވެ. އެ ގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.