ނައީމާގެ މަރު: ހަސަން ފަވާޒް ޝަރުތުކޮށް ބަންދުން ދޫކޮށްލައިފި

އަވަސް

17 މާރިޗު 2026 | އަންގާރަ | 4:21

ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ ލިބޭ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒް ޝަރުތުކޮށް ބަންދުން ދޫކޮށްލައިފި އެވެ.

ނ. މަނަދޫ އަންނާރުމާގޭގައި އެޕްރީލް 6، 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނައީމާ މޫސާ މަރާލި މައްސަލާގައި ހަސަން ފަވާޒްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ނޮވެންބަރު 30، 2023 ގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މި މައްސަލައިގެ ތަހުގީގު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޒް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ހަސަން ފަވާޒުގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިމަހުގެ 9 ވަނަ ދުވަހު އެ އޮފީހުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ހަސަން ފަވާޒްގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަ އާއި ބަލީގެ ހައްސާސް ކަމަށް ރިއާޔަތްކޮށް އޭނާއަށް ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ޝަރުތުތަކަށް ޙަސަން ފަވާޒް އެއްބަސްވެފައިވާތީ އާއި އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން އެދުނު ގޮތަށް އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ. ޕީޖީ އޮފީހުން ބުނީ ޙަސަން ފަވާޒްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަމުން ގެންދާނެ ކަމަށެވެ. އަދި ހަސަން ފަވާޒްގެ މައްޗަށް ކޮށްފައިވާ ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

މައުޟޫޢުތަށް