ބައްސާމްގެ މައްސަލަ: 1 މިލިއަން ޑޮލަރުގެ ޗެކާގުޅޭ ބައި އިސްތިއުނާފުކޮށްފި

އަވަސް

17 މާރިޗު 2026 | އަންގާރަ | 4:45

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ހިމެނޭ އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅިއިރު އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އަމީން އެވެނިއު އޭ1205 އަދި އޭ1206 އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާ ކަމަށާއި އެ ފައިސާއަކީ އެފްއޭއެމް އާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ސާބިތުވާ ކަމަށް ނިންމާފައިވެ އެވެ. އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަންކޮށްގެން ކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކޭތީ އެބައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހުން ހައިކޯޓުގައި އެދުނީ ދައުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް މި އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ. ޕީޖީ އޮފީހުން އިތުރަށް ބުނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާގައި އެފްއޭއެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު އެ ފައިސާ ލޯންޑާކޮށްފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި އިސްތިއުނާފުގައި ތަޢުނުކޮށްފައިނުވާތީ އެވެ.

މައުޟޫޢުތަށް