ހަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކަން ހުޅުވާލައިފި
އަވަސް
18 މާރިޗު 2026 | ބުދަ | 6:06
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
މިއީ މިއަހަރު ޓީ-ބިލް ވިއްކަން ހުޅުވާލި ހަ ވަނަ ފަހަރެވެ. ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދެއްކުމަށް ވިއްކާ 490 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޖޫން 29 ވަނަ ދުވަހަށް އަނބުރާ ދެއްމުކަށް ވިއްކާ 180 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. މީގެ އިތުރުން ސެޕްޓެމްބަރު 21 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 35 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ މާޗް 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 423 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.