ވޯޓާސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރުގައި ފަށައިފި
އަވަސް
19 މާރިޗު 2026 | ބުރާސްފަތި | 12:28
އިންތިހާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރަން ފަށައިފި އެވެ.
ވޯޓާސް ލިސްޓުގައި މީގެ ކުރިން ސޮއި ކުރަމުން ދިޔައީ ކުރީގެ ޑްރަގް ކޯޓު އިމާރާތުގަ އެވެ. ނަމަވެސް އެ އިމާރާތާ އިންވެގެން ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުން ރޭ މެދުކަނޑާލި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއް ގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާ ކަމަށެވެ. ވޯޓާސް ލިސްޓުގައި ސޮއިކުރަން ފެށީ އަންގާރަ ދުވަހު އެވެ. އީސީ އިން މީގެ ކުރިން ބުނި ގޮތުގައި ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.