ފިތުރު ޒަކާތް ބަހައިފި، ބޮލަކަށް 6،000 ރުފިޔާ
އަވަސް
19 މާރިޗު 2026 | ބުރާސްފަތި | 4:09
މޯލްޑިވްސް ޒަކާތު ހައުސްއިން، މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ އެންމެންނަށް ބަހައި ނިންމައިފި އެވެ.
ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާއިރު ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު މީހުންގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިންވެސް ހިމެނެ އެވެ. މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 13،896،000 ރުފިޔާ އެވެ. މި އަހަރު ފިތުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ހާއްސަކޮށް، ރަށްރަށުގެ ކައުންސިލްތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށްޓަކައި ހާއްސަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތައާރުފުކުރި އެވެ. މާލެ ސަރަޙައްދުގައިވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެ އެވެ. އަދި ގޮވާމުންވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެ އެވެ. ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަ ކުރެވިފަ އެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަ ކަމަށް ޒަކާތު ހައުސް އިން ބުނެފައިވެއެވެ.