އުރީދޫގެ "ކަރާ ފެޅުން" މާޗް 26 އާ ހަމައަށް ދިގުދަންމާލައިފި
އަވަސް
19 މާރިޗު 2026 | ބުރާސްފަތި | 7:10
އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް "ކަރާ ފެޅުން" ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފި އެވެ.
ކަސްޓަމަރުންނަށް ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި ހަރަކާތް މިހާރު މިމަހު 26 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހު ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. އުރީދޫ އިން ބުނީ މި ބަދަލާއެކު 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ހުޅުވާލާފައިވާ ކަމަށާއި މިއީ މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. މި 100,000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު ހިމެނެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ "ކަރާ ފެޅުން" އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް "ކަރާ ކުއެސްޓް" ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ. ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެ އެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެ އެވެ. މި މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކަރާ ފެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މުޅި ރާއްޖޭގެ އެކު ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާތަން ފެނުމަކީ ލިބޭ އުފަލެއް ކަމަށެވެ. "މި ކެމްޕޭންގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މިގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން. މިއީ ރަމަޟާން މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ،" ނިޔާޒް ވިދާޅުވި އެވެ. އުރީދޫ މޯލްޑިވްސް އިން ވަނީ ހުރިހާ ކަސްޓަމަރުންނަށް މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށް ދައުވަތު އަރުވާފަ އެވެ.