މާލެހިޔާ އަދި ސިނަމާލެ ފްލެޓްތައް މަރާމާތުކުރާނެ ބަޔަކު ހޯދަނީ
އަވަސް
20 މާރިޗު 2026 | ހުކުރު | 10:30
މާލެހިޔާ އަދި ސިނަމާލެ ފްލެޓްތައް މަރާމާތުކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލް އިދާރާއިން އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވަނީ އެ ކައުންސިލުން ބަލަހައްޓަމުންދާ މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކާއި ސިނަމާލެ 1، 2، 3 އަދި 4 ގެ ފްލެޓްތައް 1 އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ސިނަމާލެ 3 އަދި 4 އާއި މާލެހިޔާ 1 އަދި 2 ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންވެސް ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.
ސިނަމާލެ އަދި މާލެހިޔާގެ ފްލެޓްތައް މަރާމާތުކޮށް ލިފްޓް ސާވިސްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު ސަރުކާރުން ވަނީ އެ ފްލެޓްތައް ތަޅާލައި އާ ފްލެޓް އަޅަން ނިންމާފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މިދިޔަ މަހު ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމުގެ ގޮތުން ހާއްސަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށްވެސް ނިންމަވާފަ އެވެ.