ލޯންޗު ބަންޑުން ޖަހާލައިގެން ހޯދަނީ އިންޑިއާ ދެމީހުން

އަވަސް

20 މާރިޗު 2026 | ހުކުރު | 10:00

ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަނީ އިންޑިއާގެ ދެ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ރޭ ދަންވަރު ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗަކީ އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. ލޯންޗު ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި އެ ވަގުތު ތިބި ހަތް މީހުންގެ ތެރޭގައި އުމުރުން 60 އަހަރުގެ ގޯތަމް ސިންގްހާނިއާވެސް ހިމެނެ އެވެ. އެކަމަކު އޭނާއަށް ވ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ އެވެ. އަދި މިހާރު އޭނާ އިންޑިއާގެ މުމްބާއީއަށް ގޮސްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. ފުލުހުން ބުނީ ލޯންޗުގައި ތިބި ހަތް މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުން ކަމަށެވެ. މިހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ވެއްޓުނު މީހުންގެ ތެރޭގައި ހިމެނެެނީ ރަޝިއާގެ އަންހެން މީހާ އާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. ގެއްލިގެން ހޯދަނީ އިންޑިއާގެ ދެ ފިރިހެނުންނެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސިފައިން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް