އިންޑިއާ ސަރުކާރުގެ އެންގުމާއެކު އެއާލައިންތަކުން ކަންބޮޑުވެއްޖެ
އަވަސް
21 މާރިޗު 2026 | ހޮނިހިރު | 10:36
އިންޑިއާގެ ބޮޑެތި އެއާލައިންތަކުގެ ކޮންމެ ފްލައިޓެއްގެ މަދުވެގެން 60 ޕަސެންޓް ސީޓަކީ އެއްވެސް އިތުރު އަގަކާ ނުލައި ފަސިންޖަރުންނަށް ހިޔާރުކުރެވޭނެ ސީޓުތަކަކަށް ހެދުމަށް އެ ގައުމުގެ ސަރުކާރުން ނެރުނު އަމުރާއެކު އެއާލައިންތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ ފްލައިޓްތަކުގެ ގިނަ ސީޓުތައް އިތުރު އަގަކާ ނުލައި ފަސިންޖަރުންނަށް ހިޔާރު ކުރެވޭ ސީޓުތަކެއްކަން ކަށަވަރު ކުރުމަށް އެ ގައުމުގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނަށް އަންގާފަ އެވެ. މިގޮތަށް އެންގީ ވައިގެ ދަތުރުފަތުރުގެ ނިޒާމަކީ ދެފުށް ފެންނަ އަދި އާންމުންނަށް ފަސޭހައިން އަތްފޯރާ ހިދުމަތަކަށް ހެދުމުގެ މަގުސަދުގައި ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ. ސީޓު ހިޔާރުކުރުމުގައި ނަގާ ފީ ބޮޑު ކަމަށް ބުނެ އާންމުން ޝަކުވާ ކުރަމުންދާ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުންޏެވެ. މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރި އެއާލައިންތަކުގެ ތެރޭގައި އެއާ އިންޑިއާ، އިންޑިގޯ، ސްޕައިސްޖެޓް ހިމެނެ އެވެ. އެއާލައިންތަކުން ބުނީ މި ނިންމުމުގެ ސަބަބުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ޓިކެޓްގެ އަގުތައް އުފުލިގެންދާނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ސީޓުގެ ޖާގައާއި ހުންނަ ތަނާއި އަދި ޑިމާންޑަށް ބަލައި، ސީޓެއް ހިޔާރުކުރުމަށް 200 އާއި 2،100 އިންޑިއަން ރުޕީސްއާ ދެމެދުގެ އަދަދެއް ފަސިންޖަރުން އަތުން ނަގަ އެވެ. އިންޑިއާގެ ތިން އެއާލައިނެއް ތަމްސީލުކުރާ ފެޑަރޭޝަން އޮފް އިންޑިއަން އެއާލައިންސް (އެފްއައިއޭ) އިން ވަނީ މި ނިންމުން އަލުން މުރާޖައާ ކުރުމަށް ސަރުކާރަށް ރަސްމީކޮށް ހުށަހަޅާފަ އެވެ.