ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މީހެއްގެ އަތް ބުރިވި

އަވަސް

21 މާރިޗު 2026 | ހޮނިހިރު | 6:51

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހައިލައި ހާދިސާގައި މީހެއްގެ އަތް ބުރިވި ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އެ ލޯންޗުގައި ތިބި އެންމެންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނެވެ. އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގަ އެވެ. ފުލުހުން މިއަދު ބުނި ގޮތުގައި އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު އިތުރު ފަރުވާއަށް މިއަދު އިންޑިއާއަށް ފުރައިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ފަރުވާއަށް އިއްޔެ އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެކެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ އަދިވެސް ކުރަމުންދާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗަކީ އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ.

މައުޟޫޢުތަށް