ހަ ކިލޯގެ ޑްރަގު އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި
އަވަސް
22 މާރިޗު 2026 | އާދިއްތަ | 6:25
ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ ދެ މީހުން ކަމުގައިވާ އީޝްވަރުމުރިތީ ޝަންމުގަމް (24އ) އަދި ޔުތިޝް ރާޖް ރާޖަން (27އ) އެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވާނީ އެޕްރީލް ފަސް ވަނަ ދުވަހަށެވެ. ކޯޓު އަމުރުގައި ބުނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަހުގީގުކުރުމަށްޓަކާއި މީހުންނާއި ތަކެތި ހަވާލުކުރާ ފޯމާއި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ މީހުންވެސް ވަނީ ލަގެޖުގައި ހުރީ ކޯއްޗެއްކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދިފައިވެ އެވެ. އެ ދެ މީހުންގެ ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުން ހަ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.