ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ޓްރެފިކަށް ގެންނަ ބަދަލުތައް
އަވަސް
22 މާރިޗު 2026 | އާދިއްތަ | 7:12
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް ހާމަކޮށްފި އެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފުލުހުން ވަނީ މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް ހާމަކޮށްފަ އެވެ. އެ ގޮތުން ޖުމްހޫރީ މައިދާނުން ފެށިގެން މެހެލި ގޯޅިއާ ހިސާބަށް ބޮޑުތަކުރުފާނު މަގު އާންމު ޓްރެފިކަށް ބަންދުކުރާނެ އެވެ. މި ސަރަހައްދުގައި ބޮޑުތަކުރުފާނު މަގާއި ގުޅޭ ގޯޅިތަކާއި މަގުތައްވެސް އާންމު ޓްރެފިކަށް ބަންދުކުރާނެ އެވެ.
މީގެ އިތުރުން އަމީރު އަހުމަދުމަގުގައި މިހާރު ދެކޮޅަށް ދުއްވޭ ސަރަހައްދު އެއްކޮޅަށް ދުއްވޭ ސަރަހައްދެއްގެ ގޮތުގައި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ. މި ބަދަލާއެކު މެހެލި ގޯޅިން، އަމީރު އަހުމަދު މަގަށް ލަނބާލުމަށްފަހު އުޅަނދުތަކަށް ދަތުރުކުރެވޭނީ އިރުން ހުޅަނގަށް ސޯސަންމަގާއި ހަމައަށެވެ. އަދި ސޯސަންމަގުން އަމީރު އަހުމަދު މަގަށް ނުދެވޭ ގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޗާންދަނީ މަގު، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވެ އެވެ. މަގު ތަރައްގީކުރުމަށް ބަންދުކުރާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށްވެސް ފުލުހުން ވަނީ އަންގާފަ އެވެ.