ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

އަވަސް

22 މާރިޗު 2026 | އާދިއްތަ | 11:44

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ.

އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުން ފެށިގެން އަންނަ އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށެވެ. މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލުމަށް ނިންމާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެ އެވެ. އެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް