ހަރަދު ކުޑަކުރަން މަޝްވަރާތައް ފަށައިފި

އަވަސް

22 މާރިޗު 2026 | އާދިއްތަ | 5:02

މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާނަމަ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ހަނގުރާމަ ދިގުލައިގެންދާނަމަ ހަރަދުތައް ކުޑަކުރުމަށް އެ ކޮމިޓީން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށްވެސް ޚަލީލް ވިދާޅުވި އެވެ. "ކުރިއަށް އޮތް ތާނގައި ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުންވެސް ރައްޔިތުންނަށް އެކަމުގެ އިތުރު ބުރައެއް ތަކުލީފެއް ނާންނާނެ ގޮތަކަށް ސަރުކާރުގެ ވިސްނުން ހުރީ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ގެންދަން،" ޚަލީލް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ބުރޫ ނާރާ ގޮތަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭހާއި ތެލާއި ކާޑުގެ އިތުރުން ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވާ ސްޓައިޕަންޑް ހިމެނޭ ކަމަށްވެސް މޫސާ ޒަމީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް