ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީ ގޮތުން ނުރައްކަލެއް ނެތް: ޣައްސާން

އަވަސް

22 މާރިޗު 2026 | އާދިއްތަ | 6:20

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އަސްކަރީ ގޮތުން ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި އެނޫން އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމި ކަމަށާއި އެ ނިންމުމާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. "ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މި ދަނޑިވަޅަކު ނުފެނޭ،" ޣައްސާން ވިދާޅުވި އެވެ. ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނީ ކޮން ގައުމަކުންތޯ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ގައުމުތަކާ ކުރެވޭ އެފަދަ މުއާމަލާތްތަކަކީ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް