ހެލިކޮޕްޓަރުގެ ހިދުމަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި
އަވަސް
23 މާރިޗު 2026 | ހޯމަ | 10:02
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު ޓްރާންސްޕޯޓް މިނިސްޓްރީން އިތުރުކޮށްފި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނުގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލު ގެނެސް އަލުން އިއުލާނުކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވައިލި އެވެ. ނަމަވެސް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޕްރީލް 20 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރުކޮށްފަ އެވެ. ހެލިކޮޕްޓަރުގެ ހިދުމަތްދޭ ފަރާތުން ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލަން ޖެހެ އެވެ. މީގެ އިތުރުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން އުފުލަން ޖެހެ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން މި ހިދުމަތް ފަށާ ދުވަސްކޮޅު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ހިދުމަތް ސަރުކާރަށް ހިލޭ ކޮށްދޭން ޖެހެ އެވެ. މި ވަގުތު އަހަރުން އަހަރަށް އިތުރުކުރަމުން ގޮސް ހެލިކޮޕްޓަރުގެ ހިދުމަތް ފަށާތާ ތިން ވަނަ އަހަރުން ފެށިގެން މަހަކު 100 ގަޑިއިރާއި 120 ގަޑިއިރުގެ ހިދުމަތް ހިލޭ ކޮށްދޭން ޖެހެ އެވެ. މީގެ އިތުރުން އަގަކާއެކު ސާޗް އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭންޖެހެ އެވެ. މީގެ ކުރީގެ އިއުލާނުގައި ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށްދޭން ޖެހޭ ގޮތަށް ހިމެނި އެވެ.