ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުންވާ މީހުންނަށް އިތުރު ވަގުތު

އަވަސް

23 މާރިޗު 2026 | ހޯމަ | 9:47

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނުގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލު ގެނެސް ޓްރާންސްޕޯޓް މިނިސްޓްރީން މި ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ތިންވަނަ އިއުލާނެއް ކުރީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އޭރު ހުޅުވާލީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އިތުރު ވަގުތު ބޭނުންވާނެ ކަމަށް ފެންނާތީ ކަމަށެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން މި ހިދުމަތް ފަށާ ދުވަސްކޮޅު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ހިދުމަތް ސަރުކާރަށް ހިލޭ ކޮށްދޭން ޖެހެ އެވެ. މި ވަގުތު އަހަރުން އަހަރަށް އިތުރުކުރަމުން ގޮސް ހެލިކޮޕްޓަރުގެ ހިދުމަތް ފަށާތާ ތިން ވަނަ އަހަރުން ފެށިގެން މަހަކު 100 ގަޑިއިރާއި 120 ގަޑިއިރުގެ ހިދުމަތް ހިލޭ ކޮށްދޭން ޖެހެ އެވެ. މީގެ އިތުރުން އަގަކާއެކު ސާޗް އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭންޖެހެ އެވެ. މީގެ ކުރީގެ އިއުލާނުގައި ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށްދޭން ޖެހޭ ގޮތަށް ހިމެނި އެވެ.

މައުޟޫޢުތަށް