ރޮނާލްޑް އަރައުހޯގެ ގޯލުން ބާސެލޯނާއަށް މޮޅެއް

އަވަސް

23 މާރިޗު 2026 | ހޯމަ | 11:40

ޖާއޯ ކަންސޭލޯ ނަގައިދިން ކޯނަރެއް ރޮނާލްޑް އަރައުހޯ ބޮލުން ގޯލަށް ފޮނުވާލައިގެން ބާސެލޯނާއިން މެޗު ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާ އާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ރަޔޯ ވަޔެކާނޯގެ ކާލޯސް މާޓިންއަށް ގޯލާ ހަޔެއްކަ ފޫޓު ކައިރިން ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތު ބާސެލޯނާގެ ގޯލްކީޕަރު ޖޮއާން ގާސިއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މީގެ އިތުރުން، ބާސާގެ ރަފީނިއާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާއެއް، ރަޔޯ ވަޔެކާނޯ ކީޕަރު އޮގަސްޓޯ ބަޓާލާ ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަޔޯގެ އުނާއި ލޮޕޭޒް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ، ކީޕަރު ގާސިއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ރަޔޯގެ ޕަޗާ އެސްޕީނޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. މި ނަތީޖާއާއެކު ބާސެލޯނާއިން ވަނީ މުހިންމު މޮޅެއް ހޯދާފަ އެވެ. ތާވަލުގެ ދެވަނައިގައި އޮތް ރިއަލް މެޑްރިޑުން ވަނީ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް 3-2 އިން ބަލިކޮށް، ބާސާގެ މައްޗަށް އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ހަންސީ ފްލިކްގެ ބާސެލޯނާ ނުކުންނާނީ އެތުލެޓިކޯއާ ދެކޮޅަށެވެ.

މައުޟޫޢުތަށް