މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ: ރައީސް
އަވަސް
23 މާރިޗު 2026 | ހޯމަ | 10:23
މަރުގެ ހުކުމް ތަންފީޒުކުރުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ މީހުންނަށް މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގަ އެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޝަރުއީ ހުރިހާ މަރުހަލާ ނިމިފައިވާ މީހުން ތިބިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއީ ކޮންމެ ސަރުކާރަކުންވެސް ކުރާނެ ކަމަށް ބުނެ ނުކުރާ ކަމެއް ކަމަށެވެ. މަރުގެ ހުކުމް އިއްވުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. "މަރުގެ ހުކުމް ތަންފީޒުކުރުން އެބަޖެހޭ ގާނޫނީ ފްރޭމްވޯކް ތެރޭގައި ސްޓްރީމްލައިންކުރަން ނޫނީ ކަށަވަރުކުރަން. މިއަދާ ހަމައަށް އައިއިރު އެއްވެސް ކަހަލަ ގާނޫނެއް މި ކަމަކަށް ނެތް،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއްގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށާއި މި ބިލް ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށެވެ. މި ބިލް މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. "ބިލް މަޖިލީހުން ފާސްވެގެން އައުމުން ބިލް ތަސްދީގު ކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއް މަރުގެ ހުކުމްގެ ތަންފީޒު ކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއީ އަދުލު އިންސާފު ގާއިމުކުރަން ކުރަންޖެހޭ ކަމެއް ކަމަށާއި އިސްލާމީ ގައުމެއްގައި އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވާ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަށް އޮތް ޗޮއިސެއް ނޫން ކަމަށެވެ.