ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ނިންމައިފި
އަވަސް
23 މާރިޗު 2026 | ހޯމަ | 12:15
ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި، ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިމަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީ އާއި މަޝްވަރާކޮށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. "ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މިނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ،" ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ކަޅުބިލަ މަސްވެރިކަން ކުރާ މީހުންނަށް ސަރުކާރުން މިހާރުވެސް ދަނީ އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދެމުންނެވެ.