400 އަކަފޫޓަށްވުރެ ކުޑަ ބިން އާއިލާ މީހަކަށް ދޫކޮށްލެވޭ ގޮތް ހަދަނީ

އަވަސް

23 މާރިޗު 2026 | ހޯމަ | 1:12

ސަރުކާރުގެ ބޯހިޔާވަހިކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ މީހުން އެ ބިން އާއިލާ މީހަކަށް ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 400 އަކަފޫޓަށްވުރެ ކުޑަ ބިމެއް ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލު އާއިލާ މީހަކަށް އެ ބިން ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. "އެ މީހާގެ އަނބިމީހާ ނޫނިއްޔާ ފިރިމީހާ ނޫނިއްޔާ ދަރިން ނޫނިއްޔާ އެއްބަނޑު އެއްބަފާ ސިބްލިންގްސް މި ފަރާތްތަކުގެ ތެރެއިން އެ މީހާ ބޭނުންވާ މީހަކަށް އެ ބިންކޮޅު ދޫކޮށްލެވޭ ގޮތަށް މި ބަދަލު ކުރަނީ. ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިކަމުގެ އުސޫލު މިއަދު ނޫނީ މާދަމާ އާންމުކުރާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކޮށްލަން ޖެހޭ މީހުންނަށް މި އުސޫލުގެ ދަށުން ބިން ދޫކުރެވޭނެ އެވެ.

މައުޟޫޢުތަށް