ޖޮއިންޓް ގޯތި ދޫކޮށް ވަކިން ފުރުސަތު ހުޅުވާލުން ފަސްކޮށްފި

އަވަސް

23 މާރިޗު 2026 | ހޯމަ | 5:05

އެމްޑީޕީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް"ގައި ޖޮއިންޓްކޮށް ލިބުނު ގޯތި ދޫކޮށް ވަކިން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާ ތާރީހު ފަސްކޮށްފި އެވެ.

ޖޮއިންޓްކޮށް ލިބުނު ގޯތި ދޫކޮށް ވަކިން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކުރިން ނިންމާފައި އޮތީ މާދަމާ އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ޖޮއިންޓްކޮށް ލިބުނު ގޯތި ދޫކޮށް ވަކިން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުން އެޕްރީލް 1 ވަނަ ދުވަހުގެ 11:00 ލަސްކޮށްފައިވާ ކަމަށެވެ. އުސޫލުގައިވާ ގޮތުން ވަކިން ގޯއްޗަށް ކުރިމަތިލެވޭނީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބިފައިވާ އެންމެން އެ ގޯތި ދޫކޮށްލާނެ ކަމަށް އެއްބަސްވެ އިގުރާރުވުމުންނެވެ. މި އުސޫލުގެ ދަށުން ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ ޖޮއިންޓްކޮށް ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

މައުޟޫޢުތަށް