މިމަހުގެ މިހާތަނަށް އެއް ލައްކަ ފަތުރުވެރިން
އަވަސް
24 މާރިޗު 2026 | އަންގާރަ | 8:40
ރާއްޖެއަށް މިމަހުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 1 އިން 21 އަށް 108،681 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 132،346 ފަތުރުވެރިންނަށްވުރެ 17.9 ޕަސެންޓް ދަށް އަދަދެކެވެ. މި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ ބައެއް ފްލައިޓްތައް ކެންސަލްވުމުންނެވެ. ހަނގުރާމައިގެ ސަބަބުން މިއަދުވެސް ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފަ އެވެ. މީގެ ތެރޭގައި އެމިރޭޓްސް، އެއާ އަރަބިއާ، ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސްގެ ފްލައިޓް ހިމެނެ އެވެ. މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 4.5 ޕަސެންޓް އިތުރުވެފަ އެވެ. އެ ގޮތުން އަހަރުގެ މިހާތަނަށް 590،449 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 565،199 ފަތުރުވެރިނެވެ.