ރާއްޖޭގައި ޓީބީ މަދުވުމަކީ ފަހުރެއް: ރައީސް
އަވަސް
24 މާރިޗު 2026 | އަންގާރަ | 10:05
ރާއްޖޭގައި ޓީބީގެ ނިސްބަތް މަދުވުމަކީ ފަހުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔެއް ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކަށް މި ބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ މި ބަލި ނައްތާލުމަށް ހަރުދަނާ ސިއްހީ ނިޒާމެއް މުހިންމު ކަމަށާއި ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. ރާއްޖޭގައި ޓީބީގެ ނިސްބަތް މަދުވުމަކީ ފަހުރެއް ކަމަށާއި ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން ބަލީގެ ނުރައްކާ އޮތް މީހުންނަށް އަޅާލުން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.