ހުއްދަ ހޯދަންޖެހޭ ވައިގެ ސަރަހައްދު ސާފުކޮށްދީފި

އަވަސް

24 މާރިޗު 2026 | އަންގާރަ | 6:48

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ހުއްދަ ހޯދަންޖެހޭ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ -- އަންކްލޯސް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ހައްގުތަކާއި އިހުތިޔާރުތައް ބަޔާންކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގަ އެވެ. މި ގާނޫނުގައި ބަޔާންކުރާ ގޮތުން ރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރަށް، ރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަންނެވެ. ޑިފެންސް މިނިސްޓްރީން ބުނީ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން -- ޗިކާގޯ ކޮންވެންޝަންގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއް ކަމަށެވެ. "މިއަށްވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސް،" ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން އިތުރަށް ބުނީ އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭއިރު މި ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދިނުން ކަމަށެވެ. އިންޓަނޭޝަނަލް އެއާސްޕޭސް ގެ ތެރޭގައި ހިމެނޭ އެފްއައިއާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް